top of page

ކީރިތި ޤުރުއާނުގެ އަލީގައި އަށަގަންނަވަންޖެހޭ 10 ސިފަ!

  • Writer: Raif Ahmed
    Raif Ahmed
  • Dec 13, 2025
  • 3 min read

ކީރިތި ޤުރުއާނަކީ އޭގައި އެތައް ފިލާވަޅަކާއި ޢިބުރަތްތެރި އެތައް ވާހަކައެއް ހިމެނޭ އަރަހުށިވަންތަ މާތް ވެރިރަސްކަލާނގެ ކަލާމްފުޅެވެ. އެކަލާނގެ އުންމަތުގެ މައްޗަށް ބާއްވާލެއްވެވި މުޢުޖިޒާތެވެ. އެއީ މި ދުނިޔެ މަތީގައިވާ އެންމެ ފުރިހަމަ ފޮތެވެ. މި ފޮތުގައި މުއުމިނުންނަށް އެތައް ޢިބުރަތެއްވެއެވެ. އެތައް ދަރުސްތަކެއްވެއެވެ. މިގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މުސްލިމުންގެ ކިބައިގައި ހުންނަންވާނެ ރިވެތި އާދަތަކާއި ސިފަތައް ބަޔާންކުރައްވަވާފައެވެ. މި ސިފަތަކުގެ ތެރެއިން މި ލިޔުމުގައި މި ހިމަނާލަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ 50 ސިފައެކެވެ.


  1. ތެދުވެރިވުން:

ތައުބާ ސޫރަތުގެ 119ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِينَ (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުންވާށެވެ!)


މި އާޔަތުން ދޭހަކޮށްދެނީ ތެދުވެރިއަކަށްވުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރަންޖެހޭ ކަމެވެ. މި އާޔަތުގެ ތަފުސީރަށް ބަލާއިރު، ތެދުވެރިކަމުގައި މެނުވީ ސަލާމަތްތެރިކަމެއް ނުވާކަން މާތް ﷲ ބަޔާންކުރައްވައެވެ.


  1. ކެތްތެރިވުން:

ބަޤަރާ ސޫރަަތުގެ 153ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.)


މި އާޔަތުގައި މިވަނީ ކެތްތެރިންނަށް މާތް ﷲ ކާމިޔާބާއި އެކަލާނގެ އެހީތެރިކަން ދެއްވާކަން ބަޔާންކުރައްވާފައެވެ.


  1. ޝުކުރުވެރިވުން:

އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ (މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފަރުވެއްޖެނަމަ ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.)


މި އާޔަތުގައި މާތް ﷲއަށް ޝުކުރުވެރިވުމުގެ މުހިންމުކަމާއި ޝުކުރުވެރިވާ މީހުންނަށް އެކަލާނގެ ނިޢުމަތްތައް ގިނަގުނަ ކުރައްވާނެކަން މިވަނީ ބަޔާންކުރައްވަވާފައެވެ.


  1. ޢަދުލުވެރިވުން:

ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًۭا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުންނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ އަދި ﷲއަށް ޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މައްޗަށްކަމުގައިވިޔަސް މެއެވެ. އެ މީހަކީ (އެބަހީ: އެ މީހެއްކެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެ ދެ މީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިކަން ދޫކޮށް، އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.)


މި އާޔަތުގައި ހެކިބަސް ދިނުމުގައި ޢަދުލުވެރިވުމަށާއި އަމިއްލަ ނަފުސަށް މޮޅެއް ލިބުނު ނަމަވެސް، ނުވަތަ އަމިއްލަ ނަފުސާ ދެކޮޅަށް ނަމަވެސް، ޢަދުލުވެރިވެ، އިންޞާފުވެރިވުމަށް މާތް ﷲ މިވަނީ ބަޔާންކުރައްވަވާފައެވެ.


  1. މަޑުމައިތިރިވުން:

ފުރުޤާން ސޫރަތުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا (މާނައީ: ރަޙުމާންވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި ޖާހިލުން އެއުރެންނާ މުޚާތަބުކޮށް، ވާހަކަދައްކައިފި ހިނދަކު، އެއުރެން އަމާންކަމާއެކު ސަލާމޭ ބުނެތެވެ.)


މި އާޔަތުން ބުނެދެނީ ޖާހިލުކަން ދޫކޮށް ހިތްތިރިކުރުމަށެވެ. އަދި މަޑުމައިތިރިވުމަށާއި ބޮޑާވެ ނުގަތުމަށް މި އާޔަތުން ބާރުދެއެވެ.


  1. ރުޅި ކޮންޓްރޯލްކުރުން:

އާލް ޢިމްރާން ސޫރަތުގެ 134 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ (މާނައީ: އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.)


މި އާޔަތުގެ ކުރީގައިވާ އާޔަތުގައި ސުވަރުގެއަށް ވަނުމަށް އަވަސްވެގަތުމަށް މާތް ވަޙީކުރައްވާފައިވެއެވެ. އަދި އެ ސުވަރުގެ ތައްޔާރުކުރެވިފައިވަނީ ތަޤުވާވެރިންނަށްކަމަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. އެހެންކަމުން "އެއުރެންނީ" އެބަހީ ތަޤުވާވެރިންނަށް ނިސްބަތްކޮށް މާތް ﷲ ވަޙީކުރައްވާފައި މިވަނީ އެ މީހުންނަކީ ދަތި ޙާލުގައި މުދާ ހޭދަކޮށް އުޅޭ މީހުންކަމާއި ރުޅި މަތަކޮށް ހިފަހައްޓާ މީހުންކަމެވެެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންކަމެވެ. އެހެންކަމުން ރުޅި އަންނަ ހިނދު ރުޅި މަތަކުރުން ނުވަތަ ކޮންޓްރޯލްކުރުމަކީ ތަޤުވާވެރިންގެ ސިފައެއްކަން މި އާޔަތުން ދޭހަކޮށްދެއެވެ.


  1. ކިބުރުވެރިނުވުން:

ލުޤުމާން ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ (މާނައީ: އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.)


މި އާޔަތުން ދޭހަކޮށްދެނީ ހިތްތިރިކުރުމަށެވެ. ބޮޑާވެ ކިބުރުވެރިވުމުގެ ބަދަލުގައި ޝުކުރުވެރިވުމަށެވެ. އަދި ﷲ ދެއްވި ނިޢުމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. ކޮންމެ ހެޔެއް މޮޅެއް ލިބެނީ އެކަލާނގެ ކުޅަދުންވަންތަކަމުންކަން ދަންނަންޖެހެއެވެ.


  1. ހެޔޮ ބަސްބުނުން:

އިސްރާ ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّا مُّبِينًا (މާނައީ: އެންމެ ރިވެތި ހެޔޮ ބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠާނާ އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން ޝައިޠާނާއީ އިންސާނާއަށް ފާޅުވެގެންހުރި ޢަދާވަތްތެރިއަކު ކަމުގައިވިއެވެ.)


މި އާޔަތުން ދޭހަކޮށްދެނީ އެހެން މީހުންނާ ވާހަކަދައްކާއިރު، ހެޔޮ ބަސް ބުނުމަށެވެ. ޝައިޠާނާ އުފައްދާ ފަސައިދައިގެ މައްޗަށް ތިމާ ބާރުވެރިވުމަށެވެ. އަދި ނުބައި ބަހެއް، ނުވަތަ އެހެން މީހަކު ހިތްހަމަނުޖެހޭ ފަދަ ބަހެއް ނުބުނުމަށެވެ.


  1. އިތުބާރު ހިފެހެއްޓުން:

މުއުމިނޫން ސޫރަތުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ (މާނައީ: އަދި އެ އުރެންނީ އެ އުރެންގެ އަމާނާތްތަކަށާއި އެ އުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.)


މި އާޔަތުން ދޭހަކޮށްދެނީ އަމާނާތްތަކަށް ރައްކާތެރިވުމަށާއި ވަޢުދެއްވެއްޖެނަމަ އެކަން ފުއްދައި، ތެދުވެރިވުމަށެވެ. އަދި އަނެކާ ތިމާއަށްކުރާ އިތުބާރު ދެމެހެއްޓުމަށެވެ. އެ އިތުބާރު ނަގާނުލުމަށެވެ.


  1. ދޫ ރައްކާތެރިކުރުން:

ޤާފް ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައުވެއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (މާނައީ: (ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ، މަލާއިކަތަކުނެތި، އޭނާއަށް އެއްވެސް ބަހެއް ނުބުނެވެތެވެ.)


މި އާޔަތުން ދޭހަކޮށްދެނީ ހަޑިހުތުރު ބަސްތަކުންނާއި ޢީބަބުނުމުންނާއި ނެތިމޮށުމުން ދުރުހެލިވުމަށެވެ. އަދި ހެޔޮ ބަސްތައް ގިނަ ކުރުމަށެވެ. އެހެނީ ދުލުން ބޭރުކުރާ ބަސްތައް މަލާއިކަތުން ލިޔުއްވާނެކަން މި އާޔަތުން ދޭހަކޮށްދެއެވެ. އެހެންކަމުން ދޫ ރައްކާތެރިކޮށް، ހެޔޮ ބަސްތަކުން ދޫ ފުރާލުމަށް މި އާޔަތް ބާރުއަޅައެވެ.

 
 
 

Comments


Commenting on this post isn't available anymore. Contact the site owner for more info.

އޮންލައިން ޤުރުއާން ކުލާސް

meet.png
bottom of page