top of page

1355 ތަޖުރިބާގެ އަލީގައި ޤުރުއާން ހިތުދަސްކުރަން ބޭނުންކުރެވިދާނެ 5 އުކުޅެއް

  • Writer: Raif Ahmed
    Raif Ahmed
  • Oct 19
  • 2 min read

Updated: Nov 13

ree

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ކޮންމެ މުސްލިމަކުވެސް ނުހަނު ބޭނުންވާނެ ކަމެކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް މަސައްކަތްކޮށް، މުޅި ޤުރުއާން ހިތުަދަސްކުރުމުގެ ތައުފީޤު ލިބެނީ މަދު މީހަކަށެވެ. އެހެންނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ޤުރުއާން ހިތުދަސްކުރުމަކީ ހަމަ ކޮންމެ އިންސާނަކަށްވެސް ކުރެވޭނެ ކަމެއް ކަމެވެ. މި ލިޔުމުގައި މި ބަލައިލަނީ ޤުރުއާން ހިތުދަސްކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތަކަކަށެވެ. މިގޮތުން ތާރީޚީ ގޮތުން ބައެއް މީހުން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންކުރި އެކި އުކުޅުތަކާއި މި ދާއިރާއިން ހަދާފައިވާ ދިރާސާތަކުގައި ބަޔާންކޮށްފައިހުރި އުކުޅުތައް ތަފުސީލުތައް ހިމަނާފައިވާނެއެވެ.


  1. ކޮންމެ ފޮތެއްގެ ފަހަތުން ފެށުން


މަރުޙަލާ 1: ޤުރުއާންގެ 30 ވަނަ ފޮތުން ޙިފްޡުކުރަން ފަށާށެވެ. މި ފޮތުގައި ކުރު އަދި ދިގު އާޔަތްތައް ހިމެނޭއިރު، ތަޖުވީދުގެ ހުރިހާ ހަމައެއް މި އަޔާތްތަކުގައި ހިމެނެއެވެ. އެހެންކަމުން ޢަންމަ ފޮތުން ހިތުދަސްކުރަން ފެށުމަކީ ފައިދާވާނެ ކަމެކެވެ.


މަރުޙަލާ 2: ފުރަތަމަ ހިތުން ދަސްކުރާނީ ޢަންމަ ފޮތުގެ އެންމެ ފަހު ޞަފުޙާއެވެ. މި ޞަފުޙާ ދަސްކޮށް، މުރާޖަޢާކުރުމަށްފަހު ދެން ދަސްކުރާނީ ޤުރުއާންގެ ދެވަނަ ފޮތް ކަމުގައިވާ ތަބާރަ ފޮތުގެ އެންމެ ފަހު ޞަފުޙާއެވެ. ޤުރުއާންގެ 30 ފޮތުގެ އެންމެ ފަހު ޞަފުޙާ ދަސްވަންދެން މި ތަރުތީބު ހިފަހައްޓާށެވެ. ކޮންމެ ދުވަހަކުވެސް ޞަފުޙާއެއް ދަސްކުރެވޭތޯ ބަލަންވާނެއެވެ.


މަރުޙަލާ 3: ދެން އޮތް މަރުޙަލާގައި ދަސްކުރާނީ ކޮންމެ ފޮތެއްގެވެސް ދެވަނައަށް އެންމެ ފަހުން އޮންނަ ޞަފުޙާއެވެ. އަދި މިގޮތަށް 30 ފޮތުގެ އެންމެ ފަހުން ދެވަނައަށް އޮންނަ ޞަފުޙާ، 30 ދުވަހުން ދަސްކުރާށެވެ.


މަރުޙަލާ 4: މި އުކުޅުގެ އެންމެ ފަހު މަރުޙަލާއަކީ ކޮންމެ ފޮތެއްގެވެސް ފަހަތުން ޞަފުޙާއަކަށްފަހު ޞަފުޙާއެއް ދަސްކުރަމުން ގޮސް، 30 ފޮތުގެ ފުރަތަމަ ޞަފުޙާއާ ހަމައަށް ދަސްކުރުމެވެ. އެއާއެކު މުޅި ޤުރުއާން ހިތުން ދަސްކޮށް ނިމޭނެއެވެ. އެއަށްފަހު ފުރަތަމަ ފޮތުން ފެށިގެން މުޅި ޤުރުއާން މުރާޖަޢާކުރާށެވެ.


  1. 7 ފަހަރު ބަލައިގެން؛ 3 ފަހަރު ނުބަލައި


މި އުކުޅަކީ އަވަހަށް ޤުރުއާން ހިތުދަސްކުރަން ފަސޭހަ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. ފުރަތަމަ އެއް އާޔަތެއް 7 ފަހަރު ބަލައިގެން ކިޔަވާށެވެ. ދެން އެ އާޔަތް ހިތުން 3 ފަހަރު ކިޔަވާށެވެ. އެއަށްފަހު ދެން އޮތް އާޔަތް ހަމަ އެ ބީދައިން ކިޔަވާށެވެ. ދެ އާޔަތް ހިތުން ދަސްވުމުން އެ 2 އާޔަތް އެއްކޮށްލައިގެން 3 ފަހަރު ކިޔަވާށެވެ. މި މަރުޙަލާ ތަކުރާރުކުރާނީ ކޮންމެ ޞަފުޙާއަކަށެވެ. ޞަފުޙާއެއް ދަސްކޮށް ނިމުނުން އެ ޞަފުޙާ މުރާޖަޢާކުރަންވާނެއެވެ.


  1. ބައި ޞަފުޙާއިން ދަސްކުރުން


މި އުކުޅަކީ އަވަހަށް ހިތުދަސްވާނަމަ ބޭނުންކުރުން އެދެވިގެންވާ އުކުޅެކެވެ. ފުރަތަމަ ޞަފުޙާ ދެ ބަޔަކަށް ބަހާލާށެވެ. އެއަށްފަހު ޞަފުޙާގެ ފުރަތަމަ ބައިގައި ހިމެނޭ އާޔަތްތައް ތަޖުވީދާއި މަޚުރަޖަށް ސަމާލުކަންދީގެން 10 ފަހަރު ކިޔަވާށެވެ. އެއަށްފަހު އެ 10 އާޔަތުގެ މާނަވެސް ކިޔާށެވެ. މާނަ ކިޔުމުން އާޔަތްތައް ނަގައިގަނެވޭ ވަރު އަވަސްވާނެއެވެ. 10 ފަހަރު ކިޔެވުމަށްފަހު ފުރަތަމަ 2 އާޔަތް ހިތުން ކިޔެވޭތޯ ބަލާށެވެ. މިގޮތަށް ބައި ޞަފުޙާ ހިތުދަސްކުރާށެވެ. އެއަށްފަހު ޞަފުޙާގެ ފަހު ބައި ދަސްކުރާށެވެ.


  1. ލިޔެގެން ދަސްކުރުން


ކީރިތި ޤުރުއާންގެ އާޔަތްތައް ލިޔެގެން ދަސްކުރުމަކީވެސް އަވަހަށް ހިތުދަސްވާ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފުރަތަމަ ހިތުދަސްކުރަން ބޭނުންވާ އާޔަތެއް ކަނޑައެޅުމަށްފަހު އެ އާޔަތެއް ގަނޑެއްގައި އަތުލް ލިޔާށެވެ. މިގޮތަށް އެކި ފަހަރު މަތިން ލިޔުމަށްފަހުން ހަނދާންކޮށްގެން ޤުރުއާންގައި އެ އާޔަތް އޮތްގޮތަށް ލިޔާށެވެ. މިގޮތަށް ދަސްކުރުމަކީ އާޔަތްތައް ވަރުގަދައަށް ހިތަށް ނެގޭނެ ކަމެއްކަމަށް ގިނަ ޙާފިޡުން ވިދާޅުވެއެވެ.


  1. މާޙައުލާ އާޔަތްތައް ގުޅުވުން


މި އުކުޅަކީ ހިތުދަސްކުރާ އާޔަތްތައް މާޙައުލުގައި ހުންނަ އެކި އެއްޗެއްސާ ގުޅުވުމެވެ. މިސާލަކަށް ފުރަތަމަ އާޔަތް ދަސްކުރަމުން ބަލާނީ ކުޑަދޮރާ ދިމާއަށެވެ. ދެވަނަ އާޔަތް ދަސްކުރަމުން ކައިރީގައިހުރި ކަބަޑަކާ ދިމާއަށެވެ. 3 ވަނަ އާޔަތް ދަސްކުރަމުން މޭޒަށް ބަލާށެވެ. މިގޮތަށް އާޔަތްތައް ދަސްކުރުމުން އެވެނި އާޔަތަކީ މިވެނި ތަނަކަށް ޚާއްސަކޮށްފައިވާ އާޔަތެއްގައި ސިކުނޑިއަށް ނެގޭނެއެވެ. މިއީ ޤުރުއާން މުރާޖަޢާކުރުމަށް ބޭނުންކުރެވޭނެ ފަސޭހަ އުކުޅެކެވެ.


ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އޮތް ސިއްރަކީ މި ލިޔުމުގައި ބަޔާންކޮށްފައިވާ ފަދަ އެކި އުކުޅުތައް ބޭނުންކޮށްގެން ހުއްޓުމެއްނެތި، ހިތްވަރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިތުދަސްކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުން ކޮންމެ އެއްޗެސްވެސް ހިތުން ދަސްކުރަން އެންމެ ފަސޭހަ ވަގުތަކީ ފަތިސް ވަގުތެވެ.

 
 
 

Comments


Commenting on this post isn't available anymore. Contact the site owner for more info.

އޮންލައިން ޤުރުއާން ކުލާސް

meet.png
bottom of page